ތަޢާރަފް

ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި، ދިވެހި ޤައުމުގެ އިސްތިރާޖީ ސަލާމަތަށާއި (ސްޓެރެޓީޖިކް ސެކިއުރިޓީއަށް) ދިވެހި ޤައުމުގެ ޚާއްސަ ޤައުމީ މަސްލަހަތަށް ސަމާލުކަން ދީ އެކަންކަން ރައްކާތެރިކުރެވޭނެ އިސްތިރާޖީ ސަލާމަތުގެ ވިސްނުމުއްގެ ތެރެއިން، ޤާއުމީ ސަލާމަތުގެ އޮނިގަނޑެއް އެކުލަވާލާ އެކަމަށް ބޭނުންވާ ޤައުމީ ސަލާމަތުގެ ޤާނޫނެއްގެ ތެރެއިން ދިވެހި ޤައުމުގެ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓޭނެ ޤައުމީ ސަލާމަތުގެ އިސްތިރާޖެކެވެ. އަދި ދިފާއީ ސިޔާސަތެއް ކަމުގައި މި އިސްތިރާޖާއި ސިޔާސަތު ވެގެން ދާނެއެވެ.
މި އިސްތިރާޖު ގެ މައިގަނޑު ދެ އަސާސަކަށްވާނީ ޕްރިވެންޝަން އާއި ޑިފެންސް ޑިޕްލޮމެސީއެވެ. އެހެން ކަމުން ގުޅިފައިވާ އިއްތިހާދުގެ ވެރިކަމުގެ ޚާރިޖީ ސިޔާސަތާއި ވިލަރެސް ކުރެވި ދިވެހިރާއްޖޭގެ އެކުވެރި އަދި އަވަށްޓެރި އެންމެހާ ޤައުމުތަކުގެ މަސްލަހަތުތަކަށް ރައްކާތެރިވެ އެ މަސްލަހަތުތަކަށް މި އިސްތިރާޖު ގެ ސަބަބުން އެއްވެސް ތުރާލެއް ނުވާނެގޮތަށް ވަކި ފަރާތަކަށް    ނުޖެހޭ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދިވެހި ޤައުމުގެ “ފަސްޓްލައިން އޮފް ޑިފެންސް” ޤާއިމް ކުރެވޭނެއެވެ.
ދިވެހި ޤައުމުގެ ޚާއްސަ ޤައުމީ މަސްލަހަތު ކަމުގައިވާ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރި  ކުރެވޭނެ  އެންމެހާ ކަންކަމަށް ވިސްނުމާއެކު، މާތްވި އިސްލާމްދީނަކީ ދިވެހި ޤައުމުގެ ދީނުގެ ގޮތުގައިވާ ދުސްތޫރީ ފިކުރާއި، ދިވެހިންގެ އަމިއްލަވަންތަކަމާއި އާދަކާދަޔަށް އެއްވެސް އުނިކަމަށް ނާންނަ ހަމަތަކެއްގެ މަތިން ޑިމޮކްރަސީ ހިމާޔަތްކޮށް، ހައްދުފަހަނަޅާފަވާ ފިކުރާއި އެކި އެކި ޓެރަރިޒަމް ގެ ނުރައްކަލުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށް އަދި އިންސާނީ ހައްޤުތައް ރައްކަތެރި ކުރެވި އަދުލު އިންސާފު ހުރިހާ ރައްޔިތުންނަށް ލިބޭނެ ރައްޔިތުންގެ ޤާނޫނީ ބާރު ރައްޔިތުންނަށް ލިބިދޭނެ ޤައުމީ ސަލާމަތުގެ އިސްތިރާޖު އަދި ދިފާއީ ސިޔާސަތެއްކަމުގައި މި އިސްތިރާޖު އަދި ސިޔާސަތު ވެގެންދާނެއެވެ. ޤައުމުގެ އެއްބައެއްވަންތަކަމާއި، މާތްވި އިސްލާމްދީނާއި، ދިވެހިންގެ ދުސްތޫރީ ފިކުރާއި ދިވެހިންގެ އަމިއްލަވަންތަކަން، ދިވެހިންގެ އާދަކާދަ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަދި ޑިމޮކްރެޓިކް މުއައްސަސާތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ އިސްތިރާޖެއް އަދި ސިޔާސަތެއް އެކުލަވާލުމެވެ.

ދިފާއީ ސިޔާސަތު

ގުޅިފައިވާ އިއްތިހާދުގެ ދިފާއީ ސިޔާސަތު ބިނާވެގެންވަނީ ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގުލާލު އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކޮށް، ދިވެހިރައްޔިތުންނަށް ސުލްހަވެރި ކަމާއި އަމާންކަމާއި މިނިވަންކަމާއިއެކު އުޅެވޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އާއި އަދި ދިވެހިރާއްޖޭގެ އެންމެހާ ސަރަހައްދު ތަކާއި ޚާއްސަ އިޤްތިޞާދީ ސަރަހައްދުތައް ރައްކާތެރިކޮށް ޓެރަރިޒަމް އަށް ވާގިވެރިވާ ދީނީހައްދުފަހަނަޅާ ދިއުމުގެ  އެއްމެހާ ކަންކަމާއި، އަދި ދިވެހި ރައްޔިތުންނަށް ދިމާވާ ކޮންމެ ނުރައްކަލަކުން ރައްޔިތުންނާއި މުދާ ސަލާމަތްކޮށް ޙިމާޔަތްކޮށް ރައްކައުތެރި ކުރުވުމެވެ. ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އަދި ދިވެހި ޤައުމުގައި މަސައްކަތްކުރާ އެންމެހާ ބޭރުމީހުންގެ ސަލާމަތް ތެރިކަން ޔަޤީންކޮށް، އެފަރާތްތަކުގެ މަޢުލޫމާތުތައް ބަލަހައްޓާ ޤަވާއިދާ ޚިލާފަތް ދިވެހިރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން ހޯދައި، ޤަވާއިދާއި ޤާނޫން އާއި އެއްގޮތައް އެފަދަ  އެންމެހާ ބޭރުމީހުންގެ ކަންކަން ހަމަޖެއްސުމާއެކު، އިމިގްރޭޝަންގެ މައްސަލަތައް ހައްލު ކުރެވިގެންދާނެއެވެ. ދިވެހިރާއްޖެއަށް ދިމާވެދާނެ އެންމެހައި ސައިބާ އިކޮނޮމިކް ކްރައިމްސްއާ ގުޅުންހުރި ފައިސާއާއި ގުޅޭ ކުށްތައް ހުއްޓުވުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނަމެވެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓި ކަނޑުދަތުރު ވެރިންނާއި އުޅަނދުތަކައް ދިމާވަ ނުރައްކަލުން ސަލާމަތް ކޮށްދީ، ދިވެހި މަސްގަނޑުތައް ހިމާޔަތްކޮށް، ކަނޑުފޭރޭމީހުންނާއި ސުމަގުލް ކުރާ ފަރާތްތަކުގެ ނުރައްކަލުން ރާއްޖޭގެ ސަރަހައްދު ރައްކާތެރިކުރުމަށް ސަރަހައްދު ބެލެހެއްޓޭނެއެވެ. އަދި ދިވެހި ޤައުމުގެ މިނިވަން ކަމަށް ގެއްލުމެއް ވެދާނެ އެންމެހާ އުދުވާން ތަކުން ޤައުމު ސަލާމަތް ކުރުމާއި ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް އަދި ޤައުމުގެ ދީން ކަމުގައިވާ މާތްވި އިސްލާމްދީން ހިމާޔަތް ކުރުމަށް މިސިޔާސަތުން އެންމެ އިސްކަން ދެއެވެ.

ދިފާއީ ވުޒާރާގެ ޤާބިލްކަން އިތުރުކުރުން

މި ސިޔާސަތު ތަންފީޒު ކުރުމަށް ޤާނޫނުގައި ވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ދިފާއީ ބާރު ރާވާ ހިންގާނެ އުސޫލުތައް ހަރުދަނާކޮށް އިސްތިރާޖީ އަމުރު ނެރެ މަގު ދައްކައިދީ ދިފާއީ ބާރުގެ މައްޗަށް މަދަނީ ކޮންޓްރޯލް އޮންނާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަށެވެ. އެހެން ކަމުން އެ ވުޒާރާގާ ޑިފެންސް މެނޭޖްމަންޓްގެ ޤާބިލްކަން އަދި ފަންނީ ހުނަރުވެރިކަން ލިބިފައިވާ ދިފާއީ އަދި ޤައުމީ ސަލާމަތުގެ ރޮގުން މަތީ ތަޢުލީމް ލިބިފައިވާ މުއައްޒަފުން އިތުރުކޮށް ދިފާއީ ވުޒާރާގެ އޮނިގަނޑު ވަރުގަދަ ކުރެވޭނެއެވެ.

ނޭޝަނަލް ސިއުރިޓީ ސްޓެރެޓީޖީ

ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގައި ނޭޝަނަލް ސިކިއުރިޓީ ސްޓެރެޓެޖީ އެއް އެކުލަވާލުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމަށްދޭނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ޤައުމުގެ ސިޔާދަތު، ސަރަހައްދުގެ އެއްބައެއް ވަންތަކަން ދިފާއު ކުރުމުގައި އެހެން އެއްވެސް ޤައުމެއްގެ ސަލާމަތާއި މަސްލަހަތަށް ބުރުލެއް އުނދަގުލެއް ނުވާނެ ހުރިހާ ހަމަތަކަށް ވިސްނާ ދިވެހި ޤައުމު ހިމެނިފައިވާ ބައިނަލް އަޤުވާމީ އިސްތިރާޖީ ސަލާމަތުގެ ވެއްޓަށް ނަޒަރު ހިންގާ، ބަދަލުވަމުން އަންނަ ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ސަލާމަތުގެ މާހައުލުން ދިމާވެދާނެ ކޮންމެ ގޮންޖެހުމަކަށް ވިސްނާ ދިރާސާކޮށް، ބޮޑެތި ޤައުމުތަކުގެ މެދުގައި އޮންނަ އޯޝަން ތަކުގެ ވާދަވެރިކަމާއި ނެވި ކަމާއި ކަނޑުގެ ވިޔަފާރިއަކީ ބައިނަލް އަޤުވާމީ ސަލާމަތީ މާހައުލުގައި، ޚާއްސަކޮށް އޭޝިޔާ ސަރަހައްދުގައި ދިވެހިރާއްޖޭގެ ސަރަހައްދުގެ މުހިންމުކަން އިތުރު ވެފައިވާ ކަމުން މި ކަންކަމަށް ބޮޑު ސަމާލުކަން ދީގެންވެސްމެއެވެ.
ޤައުމީ ސަލާމަތުގެ އިސްތިރާޖު އެކުލަވާލުމުގައި ރައްޔިތުންގެ ޤާނޫނީ ބާރު، ދިވެހި ޤައުމުގެ ދީން ކަމުގައިވާ މާތްވި އިސްލާމްދީން، އަދުލު އިންސާފުގެ އޮނިގަންޑު އަދި ދައުލަތުގެ ބާރު ސަލާމަތްކޮށް ރައްކައުތެރި ކުރެވޭނެ ޤައުމީ ސަލާމަތުގެ އިސްތިރާޖު ހިމެނޭ އޮނިގަނޑެއް ކަނޑައަޅާނީ ޤައުމީ ސަލާމަތުގެ ޤާނޫނަކުން ނެވެ.

ތަންފީޒު ކުރުން

ދިވެހިރާއްޖޭގައި ދިފާއީ ސިޔާސަތު ތަންފީޒު ކުރާނެ ވުޒާރާއަކީ ޤާނޫނު އަސާސީ އާއި ޤާނޫނުގައި  ވާގޮތުގެ މަތިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އެވެ. ދިފާއީ ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅިފައިވާ އިއްތިހާދުގެ ސަރުކާރުން އެކުލަވާލާ ޤައުމީ ސަލާމަތުގެ ޤާނޫނުން އުފެދޭނެ ނޭޝަނަލް ސިކިއުރިޓީ ކައުންސިލާއި ނޭޝަނަލް ކޮމާންޑް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފަރާތުން މި ދިފާއީ ސިޔާސަތައް ޢަމަލުކޮށް ތަންފީޒު ކުރުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއަށް، ބައިނަލް އަޤުވާމީސަލާމަތީ މަސްރަހާއި ބެހޭގޮތުން ޚާރިޖީ ސިޔާސަތުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަމާއި މަޝްވަރާ ދޭނެއެވެ. އެހެން ނަމަވެސް  ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން މިދިފާއީ ސިޔާސަތު ޢަމަލީ ގޮތުން ތަންފީޒުކޮށް ޤައުމީ ޚާއްސަ މަސްލަހަތު ހިމާޔަތް ކުރުމުގައި އަސްކަރީ ދައުރު އޮންނާނެ ހަމައެކަނި މުއައްސަސާއަކީ ޤާނޫނު ނަންބަރ 1/2008 ގައި ވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ދިފާއީ ބާރެވެ.

ދިފާއީ ބާރު އާރާސްތު ކުރުން

މި ސިޔާސަތާއި އެއްގޮތައް ދިވެހި ޤައުމުގެ ސަލާމަތާއި ޤައުމީ އެއްމެ އިސްމަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި، އަލަށް ހެދޭ ޤައުމީ ސަލާމަތުގެ ޤާނޫނުގެ ތެރެއިން ޖޮއިންޓް ޑޮކްޓިރިން އެއްގެ ދަށުން ބައްޓަން ކުރެވިފައިވާ ޖޮއިންޓް އޮނިގަނޑެއްގެ ތެރެއިން ޔުނިފައިޑް ފިލޯސަފީއެއް ޤާއިމްކޮށް، ދިފާއީ ބާރުން ދިވެހިރާއްޖޭގެ ޖިއޮގްރަފިކް ހަތަރު ސަރަހައްދެއްގައި އެއްގަމާއި ކަނޑާއި ވައިގެ ޚިދުމަތް ކުރުމަށް އެކަށީގެންވާ ވަސީލަތާއި އެކު ކޮމްބެޓެންޓް ކޮމާންޑް ތަކެއްގެ ޚިދުމަތް ދެވޭނެ ނިޒާމެއް ޤާއިމް ކުރެވޭނެއެވެ. އަދި އެއްގަމާއި ކަނޑުމަތީގެ ހާދިސާތަކުން ރައްޔިތުންނަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ސާޗްއެންޑްރެސްކިއު އަދި ސެލްވޭޖް ކުރުމަށްބޭނުންވާ ވަޞީލަތްތަކާއި ފަޔަރ އެންޑ ރެސްކިއުގެ ވަޞީލަތް  މިހާރަށްވުރެ ފުރިހަމަކޮށްދެވޭނެއެވެ.  މިގޮތުން ދިފާއީ ބާރު ޚިދުމަތް ކުރާނީ ހުރިހާ ލެވެލެއްގައި ޔުނިޓީ އޮފް އެފަޓް އޮވެގެންނެވެ. މިނިޒާމްގެ ދަށުން ސްޓެރެޓިޖިކް އަދި އޮޕަރޭޝަނަލް ލެވެލް އަށް އަމާޒުކުރެވިގެން ދިފާއީ ބާރުގެ އެނެމެ މަތީ ލެވެލް ސިފައިންގެ އެންމެ މަތީ ވެރިޔާ ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، ޗީފް އޮފް ޑިފެންސް ފޯސް، ވައިސްޗީފް އޮފް ޑިފެންސް ފޯސް ލަފާދޭ މަޖިލީސް ، ފޯސް ކޮމަޑާންޓުން އޮޕަރޭޝަނަލް ކޮމާންޑަރުން ، ކޮމްބެޓެންޓް އަދި އޭރިޔާ ކޮމާންޑަރުން ގުޅިގެން ސަރުކާރުގެ އެހެން އިދާރާތައް ވިލަރެސް ކުރެވިގެން އެއް އަމާޒަކަށް މަސައްކަތް ކުރެވޭނެ ގޮތަކަށް ރޭވި އިންޓްގްރޭޓެޑް ޔުނިފައިޑް ކޮމާންޑް ސްޓްރަކްޗަރ އެއްގެ މައްޗަށް ކުރިމަގު ފެންނަ އަމާޒަކަށް ދިފާއީ ބާރު ބައްޓަން ކުރެވޭނެއެވެ.
މިސިޔާސަތުގެ ދަށުން އެމް އެން ޑީ އެފް އަކީ އެމައްޗައް މަދަނީ ކޮންޓްރޯލް އޮންނަ ދިފާއީ ބާރެއްގެ ގޮތުގައި ބައްޓަންކުރެވި ޕްރޮފެޝަނަލް މިލިޓްރީ އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓް އެއްގެ ދަށުން މަސައްކަތްކުރާ މުއައްސަސާއަކަށް ހެދޭނެއެވެ. އަދި އެންމެހާ ސިޔާސީ ނުފޫޒު ތަކުން އެއްކިބާވެފައިވާ ، ހަވާލުކުރެވިފައިވާ މިޝަން ފުރިހަމަ ކުރުމަށް ނުވަތަ “އެންޑް” އަށް ވާސިލްވުމަށް ބޭނުން ވާނެ އެންމެހާ ވަޞީލަތްތައް  “މީންސް އެންޑް ވޭސް” ފޯރުކޮށް ދެވި ވެލްފެއަރ ގެ އެއްމެހާ ކަންކަން ދައްލަތުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން ފޯރުކޮށްދެވި ފަސާދަޔާއި ކަރޮޕްޝަނުން މިންޖުވެފައިވާ ދިވެހިން ފަޚުރުވެރިވާފަދަ ދިފާއީ ބާރަކަށް ވާސިލްކޮށްދެވޭނެއެވެ.