ދުޅަހެޔޮ ސިއްހަތެއް

  • ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ބަހައްޓަންވާނެ އާދަތަކާ ބެހޭގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމުގެގޮތުން އެކިއެކި ޕްރޮގްރާމްތައް ހިންގޭނެއެވެ.
  • ގަވައިދުން ރައްޔިތުންގެ ހާލުބެލި ޑޮކްޓަރަށް އަންގަންޖެހޭ ކަންކަން ބަލާ އެންގުމަށްޓަކައި ހަރަކާތްތެރިވާނެ ތަމްރީންލިބިފައިތިބި ސިއްހީ ހަރަކާތްތެރިން ބިނާކުރެވޭނެއެވެ.
  • ސްކޫލު ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ސިއްހަތުބެލޭނެ ނިޒާމެއް ހަމަޖެއްސޭނެއެވެ.
  • ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާޢި (ދުންފަތް، ސުޕާރީ، އެނާޖީ ބުއިންތައް، ހަކުރުގިނަ ބުއިންތައް) ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރެވޭނެއެވެ.
  • ގައިންގަޔަށް ނާރާ ބަލިތައް އާންމުވާ ސަބަބުތައް ހޯދާ އެކަމަށް އެކަށީގެންވާ ފިޔަވަޅުއެޅޭނެއެވެ.
  • ދިރިތިބޭ އުމުރު (ލައިފް އެކްސްޕެކްޓެންސީ) މަތިކުރުމަކީ މައިގަނޑު އަމާޒަކަށް ހެދޭނެއެވެ.
  • ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް އެކަމަށް ޚާއްސަ ކައުންސިލަރެއްގެ ޚިދުމަތް ލިބޭނެއެވެ. އަދި ސަރަހައްދުތަކުގައި ސައިކިއޭކްޓްރިކް ސެންޓަރު ޤާއިމްކުރެވޭނެއެވެ.

ސިއްހީ ޚިދުމަތްދޭ ތަންތަނާއި ވަސީލަތްތައް

  • 4 ސަރަހައްދެއްގައި ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަސީލަތްތައް ޤާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރެވޭނެއެވެ.
  • ރާއްޖޭގެ 3 ސަރަހައްދުގައި ސްޕެޝަލައިޒްޑް ހޮސްޕިޓަލްތައް ޤާއިމްކުރެވޭނެއެވެ.
  • ރާއްޖޭގެ ހުރިހާ ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިޔުގަ އަކުން ގުޅާލެވި، ހުރިހާ ލެބޯޓަރީތަކެއް ޑިޖިޓައިޒް ކުރެވޭނެއެވެ.
  • ހެލްތު ސެންޓަރުތަކުގައި ލެބޯޓަރީއާއި އެކްސްރޭއާއި ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާ އަތޮޅު ހޮސްޕިޓަލްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސޭނެއެވެ.
  • ނެޝަނަލް މެންޓަލް ހެލުތު އިންސިޓިއުޓު އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެއެވެ.
  • ކ. ގުރައިދޫ މަރުކަޒަކީ މެންޓަލް ހެލްތު ޕޭޝަންޓުންނަށް ޚާއްސަ މަރުކަޒެއްގެ ގޮތުގައި ފުރިހަމަ ވަސީލަތާއި ތަމްރީނު ލިބިފައިވާ މީހުންނާއިއެކު ހިދުމަތްދޭ ތަނަކަށް ބަދަލުކުރެވޭނެއެވެ.
  • ބަލާނެ މީހުން ނެތް ދުވަސްވީ މީހުންނާއި ބަލިހާލަތާއި ގުޅިގެން އެނދުމަތިކޮށްގެން ބަލަންޖެހޭ މީހުން އޯގާތެރިކަމާއެކު ބެލެހެއްޓޭނެ ހާއްސަ މަރުކަޒުތަކެއް ޤާއިމްކުރެވޭނެއެވެ.
  • ރާއްޖޭގައި ވެޓެނަރީ ސަރވިސް ފޯރުކޮށްދެވޭނެއެވެ.

ސިއްހީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުން

  • ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސިއްހީ ދާއިރާގެ ޚިދުމަތްތެރިން ބިނާކުރުމާއި ހިދުމަތުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ޤަވައިދުން ހިންގޭނެއެވެ.
  • އެކި ދާއިރާތަކުގެ ސިއްހީ ހިދުމަތްތެރިންގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް މުސާރައަށް ހެޔޮބަދަލެއް ގެނެސްދެވޭނެއެވެ. ޚާއްސަކޮށް ނަރުހުންނާއި ހެލްތު ވޯކަރުންގެ މުސާރަ އިތުރުކޮށްދެވޭނެއެވެ.
  • ރަށްރަށުން ތަމްރީންކުރެވޭ މީހުން އެރަށެއްގައި ނުވަތަ އެސަރަހައްދެއްގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު

  • މެޑިކަލް ނެގްލިޖެންސްގެ ޤާނޫނީ ފްރޭމްވޯކު އެކުލަވާލެވޭނެއެވެ.
  • މެންޓަލް ހެލްތު ޤާނޫނީ ފްރޭމްވޯކު އެކުލަވާލެވޭނެއެވެ.
  • މެޑިކަލް ކައުންސިލްއާއި އެފަދަ އެހެން ރެގިއުލޭޓަރީ ބޮޑީތަކުގެ ދައުރު ސިއްހީ ދާއިރާގައި ފުޅާކޮށް، ހިންގުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނެވޭނެއެވެ.

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން

  • ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެއެވެ.
  • ބޮޑެތި ބަލިތަކަށް ފަންޑުފޮށި ހަދައިގެން ސަލާންޖަހަން ޖެހުން ނައްތާލެވޭނެއެވެ.
  • އާސަންދައިގެ ޚިދުމަތަކީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ އަދި ޝަކުވާއެއް ނެތް ޚިދުމަތަކަށް ބަދަލުކުރެވިގެން ދާނެއެވެ.
  • ކިޑްނީއާއި ލިވަރފަދަ އޯގަންތައް ޓްރާންސްޕްލާންޓުކުރަންޖެހޭ ފަރާތްތަކަށް ފަސޭހައިން ޑޯނަރއިންނާއި ގުޅޭނެގޮތް ހަދާދީ އެފަދަ ފަރާތްތަކުން ޓްރާންސްޕްލާންޓުކުރުމަށް މިހާރު އުފަލްންޖެހޭ ބުރަ ލުއިކޮށްދެވޭނެއެވެ.
  • އަވައްޓެރި ގައުމުތަކުގައި ދިގުމުއްދަތުގެ ވިސާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުމާއި އަދި މިހިދުމަތް އެހެން ގައުމުތަކަށް ފުޅާކުރެވޭނެއެވެ.

ސިއްހީ ޚިދުމަތް

  • އާސަންދައަކީ ޕްރައިވެޓް ކްލިނިކްތަކާއި ބޭސްފިހާރަތަކުގެ ކްރެޑިޓްގައި ހިނގާތަނެއްގެ ބަދަލުގައި، ޤާނޫނުގެ ތަޞައްވުރާއި އެއްގޮތަށް، ޕްރައިވެޓް ކްލިނިކުތަކާއި ބޭސްފިހާރަތަކަށް ބުރަބޮޑު ނުވާނެ ގޮތަށް، ދައުލަތުން ބަޖެޓުކުރާ ފައިސާއިން ހިންގާ ކަމަކަށް ބަދަލުކުރުން
  • ސަރުކާރު ހޮސްޕިޓަލްތަކުން ލިބޭ ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތު ދިގުވެ ފަރުވާ ނުލިބިދާ ހާލަތްތަކުގައި އެފަރުވާއެއް ރައްޖޭގެ ޕްރައިވެޓް ހޮސްޕިޓަލް ނުވަތަ ކްލިނިކަކުން ލިބެން ހުރިނަމަ އާސަންދަ މެދުވެރިކޮށް އަވަހަށް، އަދި ބަލިމީހާއަށް ލުއިފަސޭހަވާނެގޮތަށް އަސަންދައިގެ ހިދުމަތް ފުޅާކުރެވޭނެއެވެ.
  • ކޮންމެ ރަށެއްގައިވެސް ޑަކްޓަރެއްގެ ޚިދުމަތް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެއެވެ.
  • ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކުރެވި އައިޓީ ކޮންސަލްޓޭޝަން ފުޅާކުރެވޭނެއެވެ.
  • ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުންއުފައްދާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުން އިތުރުކުރެވޭނެއެވެ.
  • ދިވެހިބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި ދިވެހިބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާދެވުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރެވޭނެއެވެ.
  • ނެޝަނަލް އެމްބިއުލެންސް ނިޒާމެއް ގާއިމުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ކަނޑާއި، އެއްގަމާއި ވައިގެ މަގުން ބަލިމީހުން އުފުލޭ އެމްބިއުލެންސް ހިދުމަތުގެ ހަރުދަނާ ނިޒާމެއްގެ ޤާއިމްކުރެވޭނެއެވެ.
  • މެޑިކަލް އިމަރޖެންސީ ޓެކްނީޝަނުން ތަމްރީނުކޮށް ޕެރަމެޑިކްގެ ޚިދުމަތް މުޅިރާއްޖޭގައި ޤާއިމްކުރެވޭނެއެވެ.
  • ފްލޫ ސީޒަނަށް ތައްޔާރުވެ ވަގުތު އޮއްވާ ފްލޫ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސޭނެއެވެ.
  • ޑެންގޫ ހުން ފަދަ އާއްމުކޮށް ފެތުރޭ ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި މުޅިރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރެވޭނެއެވެ.
  • ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ޅަފަތުގައި ސިއްހީ އެހީތެރިކަމާއި އަޅާލުން ލިބޭނެގޮތަށް ސިއްހީ ނިޒާމުގެ ތެރެއިން ފަސޭހައިން ހިދުމަތްލިބޭނެ އުސޫލެއް ގާއިމުކުރެވޭނެއެވެ.
  • ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހާއްސަ ބޭސްފަރުވާއާއި އެހެނިހެން އެހީތެރިކަން ފަސޭހަކަމާއި އެކު ލިބޭނެގޮތް ހަމަޖައްސާދެވޭނެއެވެ.
  • އޯޓިޒަމް ކުދީންނާއި މިފަދަ ހާލަތްތަކުގައި ދިރިއުޅޭ ކުދީންނަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާ ލިބޭނޭ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.
  • ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއިއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖައްސާދެވޭނެއެވެ.
  •   ރައްޖޭގެ ހުރިހާ ރަށެއްގައި ސިއްހީ ޚިދުމަތާއި ގުޅޭ ހުރިހާކަމެއް ބަލަހައްޓާ ކުރިއަށް ގެންދެވޭނީ ކައުންސިލްގެ އެހީތެރިކަމާއެކު ސީދާ ހެލްތު މިނިސްޓްރީގެ ބެލުމުގެދަށުންނެވެ.