ތައުލީމީ ދާއިރާ ލާމަރުކަޒުކުރުން

  • ބޯޑިންގ މަދަރުސާތަކާއި ސަރަހައްދީ ދަނާލުތައް އުފައްދައި ކުރިއެރުވޭނެއެވެ.
  • ދުރުންދޭ ތަޢުލީމުގެ ފުރުސަތު ފުޅާކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ.
  • ކުދި އާބާދީތަކަށް އެކަށޭނަ ތައުލީމު ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި މަލްޓިގްރޭޑް ކްލާސްރޫމް ފަދަ ޒަމާނީ ވަޞީލަތްތައް ޤާއިމް ކުރުވޭނެއެވެ.
  • ގްރޭޑް 10 އިން މައްޗަށް ކިޔެވެން ނެތް ރަށްރަށުގެ ކުދީންނަށް އަމާޒުކޮށް ކޮންމެ އަތޮޅެއްގައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ ޖޫނިއަރ ކޮލެޖް ގާއިމްކުރެވޭނެއެވެ.
  • އަތޮޅުތަކުގައި މަތީތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް ހިންގުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރެވޭނެއެވެ.
  • ކިޔަވާކުދިންނަށް ސްކޮލަޝިޕްތައް ފޯރުކޮށްދިނުމުގައި ކައުންސިލުތަކުގެ ބައިވެރިވުން ފުޅާކުރެވޭނެއެވެ.

ބެލެނިވެރިންނަށް ލުއިފަސޭހަ ގޮތްތައް

  • މާލެއާއި ބޮޑެތި ރަށްރަށުގައި ސްކޫލް ބަސް ތައާރަފްކުރެވި، ގޭ ކަންމައްޗާއި ހަމަޔަށް ދައުލަތުގެ ބެލެހެއްޓުންތެރިކަމުގެ ދަށުން ސްކޫލްކުދިން އުފުލައިދެވޭނެއެވެ.
  • ކޮންމެ ސްކޫލަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް ދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސޭނެއެވެ.
  • ޕްރީ ސްކޫލް ތަޢުލީމު ކުރިން ކިޔަވަމުން ދިޔަ ސްކޫތަކަށް ބަދަލުކޮށް ކުދިންގެ ފީ ދައުލަތުން ދައްކައިދެވޭނެއެވެ.

ތައުލީމީ ދާއިރާ ހަރުދަނާކޮށް ހިންގުން ވަރުގަދަ ކުރުން

  • ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރެވޭނެއެވެ
  • ސްކޫލްތައް ކުރިއަރުވައި ހިންގުން ހަރުދަނާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޫލް ބޭސްޑް މެނޭޖްމެންޓަށް މަގުފަހި ކުރެވި ސްކޫލް ހިންގުމުގައި ކައުންސިލުތަކާއި ބެލެނިވެރިންގެ ރޯލު ފުޅާކުރެވޭނެއެވެ.
  • އިތުރަށް އުނގެނެވޭނެ ފުރުޞަތުތައް ޓީޗަރުންނަށް ފަހިކޮށްދެވޭނެއެވެ.
  • ކީރިތި ޤުރުއާނާއި އިސްލާމާއި ޢަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އިތުރު ތަމްރީނުދެވި، މި މާއްދާތަކަށް ދަރިވަރުން އިތުރަށް ޝަޢުޤުވެރި ކުރުވުމަށްޓަކައި މަސައްކަތްކުރެވޭނެއެވެ.
  • އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށް އަދި ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަ މުޅި ރާއްޖޭގައި ޤާއިމް ކުރެވޭނެއެވެ.
  • މަތީތައުލީމުގެ ފެންފަރު ރަނގަޅުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޤާނޫނީ ބާރުދެވި، އިތުރު ވަސީލަތް ހަމަޖައްސައި، ފެންވަރު ބަލާ ދަމަހައްޓަން ގެންނާންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

މަތީ ތަޢުލީމުގެ ފުރުޞަތު

  • ފުރަތަމަ ޑިގްރީއާއި ހަމަޔަށް ދިވެހިރާއްޖޭގައި މަތީ ތައުލީމު ހިލޭ ހޯދުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް ހޯދައިދެވޭނެއެވެ.
  • ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރެވޭނެއެވެ. އަދި މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރީސްޓަރަކްޗަރ ކުރެވޭނެއެވެ.
  • ޕްރެޒިޑެންޓްސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް ޖީ.ސީ.އީ އޭލެވެލްގެ 1 ވަނަ ލިބޭ ހުރިހާ ފަރާތަކަށް އިޚްތިޔާރުކުރާ ތަނަކުން އަދި ދާއިރާއަކުން ފުރަތަމަ ޑިގްރީއާއި ހަމަޔަށް ކިޔެވުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި ޕޯސްޓް ގްރެޖުއޭޓް އެޑިއުކޭޝަނަށް ޖާގަ ކަނޑައަޅާ އަންޑާގްރެޖުއޭޓުންގެ ތެރެއިން ކަނޑައެޅޭ މިންގަނޑެއް ހާސިލްކުރާ ހުރިހާ ދިވެހި ދަރިވަރުންނަށް ބޭނުން ޤައުމަކުން މާސްޓަސް ޑިގްރީ ހެދުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
  • ޤައުމަށް ބޭނުންތެރި ދާއިރާތަކުން ގްރެޖުއޭޓު ސްކޮލަރޝިޕް (މާސްޓަރސް އަދި ޕީއެޗްޑީ ހިމެނޭ) ސްކީމެއް ތަޢާރަފްކޮށް ސްކޮލަރޝިޕް ފޯރުކޮށްދެވޭނެއެވެ.
  • ހައިއެޗީވަރސް ސްކޮލަރޝިޕް ސްކީމަކީ އޯ.އީ.ސީ.ޑީ ގައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު/ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދޭނެއެވެ.

ދެވޭ ތައުލީމްގެ ފެންވަރު ރަނގަޅުކުރުން

  • ހުރިހާ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެވި ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް އަމާޒުކުރާނެއެވެ.
    ތައުލީމީ ނިޒާމު އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދަރިން ތަރުބިއްޔަތު ކުރުމާއި އަދި އިސްލާމްދީނާ ފުށުއަރާ ތަފާތު ހަރުކަށި ފިކުރު ނުފެތުރޭނެކަން ކަށަވަރުވާ ގޮތަށް ތައުލީމް ބައްޓަން ކުރެވޭނެއެވެ.
  • ތައުލީމީ މަންހަޖުގައި ސިވިކް އެޑިއުކޭޝަން ހިމެނޭނެއެވެ.
  • ސްކޫލްތަކުގައި ދަރިވަރުންނާ އެކަށީގެންވާ، އުނގެނުމަށްފަހި ޓެކްނޮލޮޖީގެ ވަޞީލަތްތައް ޤާއިމުކޮށް ޓެކްނޮލޮޖީގެ ރޮނގުން ކުދީން ކުރިއަރުވައި ޓެކްނޮލޮޖީއާއި އާ ހޯދުންތަކަށް ހިތް ޖެއްސޭނެއެވެ.
  • މިންތީ އަނިޔާއާއި މިންތީގެ ހަމަހަމަކަމަށް އިހްތިރާމްކުރުމުގެ ތަރުބިއްޔަތާއި ތައުލީމް ހިމެނޭނެއެވެ. ސްކޫލު މާހައުލުގައި ގަނާކުރުން (ބުލީކުރުން) ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި އެކަމަށް ރައްކާތެރިވާނެ ގާބިލުކަން ޓީޗަރުންނާއި ހިންގުންތެރިންނަށް ފޯރުކޮށްދެވި، އެފަދަ ކަންކަން ދިމާވާ ހާލަތްތަކުގައި ސައިކޯސޯޝަލް ސަޕޯޓު އަދި ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • މިހާރު ތަންފީޒް ކުރެވެމުންދާ އާމަންހަޖު ތަންފީޒުކުރެވެމުން ދާގޮތާއި ތަޢުލީމީ ނިޒާމަށް ގެނެވެމުންދާ ބަދަލުތައް ދިރާސާކުރެވި، މުރާޖަޢާ ކުރަމުން ގެންދެވޭނެއެވެ.
  • ސްކޫލްތަކުގެ އިތުރުއެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރެވޭނެއެވެ. ކޮންމެ ކުއްޖަކަށް ބޭނުންވާނެ އުނގެނުމުގެ އެހީތެރިކަން ލިބިދެވެމުން ދާކަން ކަށަވަރު ކުރެވޭނެއެވެ.
  • ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް އުނގަންނައިދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ސްކޫލުތަކުގައި ޤާއިމްކުރެވި އެކަށީގެންވާ ތަމްރީންލިބިފައިވާ ޓީޗަރުން އުފެއްދޭނެއެވެ. އަދި މީގެ އިތުރުން ސްކޫލު އިމާރާތްތަކަކީ އެފަދަ ކުދިންނަށް ފަސޭހަކަމާއިއެކު އުޅެވޭނެ ތަންތަންކަމުގައި ހެދޭނެއެވެ.
  • ތަފާތު ސްޓްރީމް އިހްތިޔާރު ކުރިނަމަވެސް ތައުލީމު ދިނުމުގެ މައިގަނޑު ނުގެއްލޭގޮތަށް ބައްޓަންކުރެވިފައިވާ އާމަންހަޖު އެންމެ ހެޔޮގޮތުގައި ތަންފީޒުކުރެވި، ޓިވެޓް ހުނަރުތައް ދަރިވަރުންނަށް ލިބިދެވޭކަން ކަށަވަރުކުރެވޭނެއެވެ

ހުނަރުވެރިން ތަމްރީންކުރުން

  • ހުނަރުވެރިން ތަމްރީންކުރުންޓޫރިޒަމް ދާއިރާއަށް ޕްރޮފެޝަނަލް މީހުން އުފެއްދުމަށް ހަތް ސަރަހައްދެއްގައި ޓްރެއިނިން ސެންޓަރުތައް ގާއިމްކުރެވޭނެއެވެ.
  • ފޮޓޮގްރަފީ، ހެރިޓެޖް، ހޭންޑިކްރާފްޓް، ފައިން އާރޓްސް ފަދަ ދާއިރާތަކަށް އިތުރު ހުނަރު ލިބޭނެމަގު ފަހިކުރެވޭނެއެވެ.
  • ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޝައުގުވެރިވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލާ، ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އިތުރަށް އެކިއެކި ފަންނީ ދާއިރާތަކަށް ކުރިއަށް ދާންވެސް އެދޭ ދަރިވަރުންނަށް އެފަދަ ފުރުޞަތުތައް ލިބިދެވޭނެއެވެ.
  • ގައުމީ ރިސާރޗު ސެންޓަރު ގާއިމުކޮށް، އިލްމީ އަދި ފަންނީ ދިރާސާތައްކުރެވޭނެ މަގުފަހިކުރުމާއި ރާއްޖޭގައި މަތީތައުލީމު އުނގެނޭ އެންމެހައި ދަރިވަރުންނަށް ފުރިހަމަ ލައިބްރަރީގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.